މެރިން ރިސާރޗް ސެންޓަރުން ކަނޑުގެ ދިރުންތައް ދެމެހެއްޓުމަށް ކުރަމުންގެންދާ މަސައްކަތްތަކަށް ފައިސާގެ އެހީ ހޯދުމަށް 'ފަންޑް-ރެއިސިންގ' ހަރަކާތް

 Noos bayan191015-1

މައިގްރޭޓަރީ ސްޕީޝީޒްގެ ބައިނަލްއަޤްވާމީ މުއާހަދާގެ ދަށުން ތަންފީޒުކުރަމުންދާ، ދިވެހި ދައުލަތް ބައިވެރިވާ "އިންޑިއަން އޯޝަން ސައުތް އީސްޓް އޭޝިއަން، މެރިން ޓާރޓަލްސް މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ (އައޯސީއެމްއޯޔޫ)" އެއްބަސްވުމުގެ ސެކްރެޓޭރިއަޓާއި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ދަށުން ހިންގާ މެރިން ރިސާރޗް ސެންޓަރ ގުޅިގެން ވެލާކަހަނބާބެހޭ ދެ-ދުވަހުގެ ސަރަޙައްދީ މަސައްކަތު ބައްދަލުވުމެއް 11-12 އޮކްޓޯބަރ 2015 ގައި ޝައިން ޓްރީ ބިލްޑިންގ ގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނެވެ. މިބައްދަލުވުމަކީ ވެލާކަހަނބުގެ އާބާދީ ދެމެހެއްޓުމަށް ދިމާވާ މައްސަލަތަކާމެދު ސަރަޙައްދީ ފެންވަރެއްގައި މަޝްވަރާކޮށް އައިއޯސީއެމްއޯޔޫ އަށާއި ގައުމުތަކަށް އިރުޝާދު ދިނުމަށްޓަކައި ދާއިމީ ޓާސްކް ފޯރސްއެއް އެކުލަވާލުމަށްޓަކައި މެރިން ރިސާރޗް ސެންޓަރުން އިސްނަގައިން ބޭއްވި މަސައްކަތު ބައްދަލުވުމެކެވެ. މިބައްދަލުވުމުގައި އައިއޯސީއެމްއޯޔޫގެ ފްރޭމްވޯކްގައި އުތުރު އިންޑިޔާ ކަނޑުގައި ހިމެނޭ ޤައުމުތައް ކަމަށްވާ، ޕާކިސްތާން، ބަންގްލަދޭޝް، އިންޑިޔާ، ސްރީލަންކާ އަދި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވިއެވެ.  އަދި ހަމަ މިޤައުމުތަކުގެ ވެލާކަހަނބުގެ އާބާދީތައް ދެމެހެއްޓުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އަމިއްލަ ޖަމިއްޔާތައްވެސް މި ބައްދަލުވުމުގައި ބައިވެރިވިއެވެ. މިބައްދުލުވުން ނިމުނީ، މި ޓާސްކްފޯސްގެ އެކުލަވާލުމުގެ އިތުރަށް ޓާސްކް ފޯރސްގެ މަސައްކަތު ޕްރޮގްރާމް އެކުލަވާލައި، ޓާސްކްފޯސްގެ ޗެއަރ އަކީ އިންޑިޔާގެ އެން.ޖީ.އޯ އެކެވެ. އަދި ވައިސް ޗެއަރ އަކީ ދިވެހިރާއްޖެއެވެ.
މި ދެ ދުވަހުގެ ބައްދަލުވުމުގައި، ބައްދަލުވުމުގެ ބައިވެރިންނަށް ދިވެހި ސަރުކާރުގެ ފަރާތުން  އޮކްޓޯބަރު 11ވަނަ ދުވަހުގެ ރޭ ރިސެޕްޝަން ޑިނަރއެއް ހޮޓެލް ޖެންގައި ބޭއްވިއެވެ. އަދި ހަމަ މިހަފްލާގައި މެރިން ރިސާރޗް ސެންޓަރުން ކަނޑުގެ ދިރުންތައް ދެމެހެއްޓުމަށް ކުރަމުންގެންދާ މަސައްކަތްތަކަށް ފައިސާގެ އެހީ ހޯދުމަށް 'ފަންޑް-ރެއިސިންގ' ހަރަކާތެއް ބޭއްވުނެވެ. މިޑިނަރ އަށް، ވެލާކަހަނބާބެހޭ މަސައްކަތު ބައްދަލުވުމުގެ ބައިވެރިންގެ އިތުރުން މިފަދަ ޕްރޮގްރާމްތަކަށް ފައިސާގެ އެހީ ދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ދައުވަތު އެރުވުނެވެ. ކަނޑުގެ ދިރުންތައް ދެމެހެއްޓުމަށް މެރިން ރިސާރޗް ސެންޓަރުން ކުރަމުން ގެންދާ މަސައްކަތްތައް ފުޅާކޮށް، ވަރުގަދަކުރުމަށްޓަކައި މިހަފްލާގައި  182,985/08 ޔޫ.އެސް ޑޮލަރުގެ ފައިސާގެ އެހީ ލިބުނެވެ.  މިގޮތުން އެހީދެއްވި މައިގަނޑު ފަރާތްތަކަކީ:
1.     އެޗް.ޕީ.އެލް ގްރޫޕް މޯލްޑިވްސް (ފޯސީޒަންސް ލަނޑާ ގިރާވަރު، ފޯ ސީޒަންސް ކުޑަ ހުރާ، ކޮކޯއާ އައިލެންޑް ބައި ކޯމޯ، މާލިފުޝި ބައި ކޯމޯ، ގިލި ލަންކަންފުށި، ހޮލިޑޭ އިން ކަނޑޫމާ، ބަނޑޮސް އައިލެންޑް ރިސޯޓް އަދި ސިކް ސެންސަސް ލާމު)
2.    އޭޑީކޭ ގްރޫޕް އޮފް ކޮމްޕެނީސް
3.    މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ
4.    ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް
5.    އޫރިދޫ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
6.    ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
7.    ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް
8.    އޯކިޑް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް
9.    އެލިއާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް
10.    އެލައިޑް އިންޝުއަރަންސް ކޮމްޕެނީ އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
11.    ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑް
12.    އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑް
13.    ހޮޓެލްސް އެންޑް ރިޜޯރޓްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
14.    މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
15.    މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕަބްލިކް ލިމިޓެޑް
16.    ސީޕްރިއާ މެރިން ފުޑްސް ޕްރައިވެޓް ލިމިޓެޑް
17.    މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ، ޑރ. މުޙައްމަދު ޝައިނީ އެވެ.
މި ފައިސާ ޚަރަދު ކުރުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގައި އުޅޭ ވެލާ ކަހަނބު، އަދި މިޔަރުގެ އާބާދީއަށް ދިމާވެފައިވާ ގޮންޖެހުންތަކާމެދު، ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް އަމިއްލަ ޖަމާއަތްތަކާ ގުޅިގެން ހިންގުމަށާއި، ދިވެހިރާއްޖޭގައި އެންމެ ގިނައިން ވެލާ ބިސް އަޅާކަމަށް ފާހަގަ ކުރެވިފައިވާ ރަށްތަކުގެ ތެރެއިން 5 ރަށް، އާއްމު ފަރާތްތަކާއި ގުޅިގެން ސަރވޭ ކުރުމަށެވެ. މީގެ އިތުރުން، އައިއޯސީ-އެމްއޯޔޫއިން އެކުލަވާލައިފައިވާ މިސަރަހައްދުގައި ވެލާކަހަނބަށް އެންމެ މުހިންމު ސަރަހައްދުތަކުގެ ނެޓްވޯކްގައި، ރާއްޖޭގައި އެންމެ ގިނައިން ވެލާއަރާ ކަމަށް ފާހަގަކުރެވިފައިވާ ދެ ސައިޓް ހިމެނުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށެވެ.  އަދި މީގެ އިތުރުން ވެލާކަހަނބާއި، މިޔަރާއި، ފާނަ އަދި ފަރުމަހުގެ އާބާދީތަކަށާއި ފަރުތަކުގެ ހާލަތަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމަށްޓަކައި މެރިން ރިސާރޗް ސެންޓަރުން ކުރަމުންގެންދާ މަސައްކަތްތައް ހަރުދަނާ ކުރުމަށާއި، ކަނޑާއި ފަރުގެ ވަސީލަތްތައް ދެމެހެއްޓެނިވި، ގޮތެއްގައި ބޭނުންކުރުމާމެދު އާންމުން ހޭލުންތެރިކުރުވުމަށް ވެސް މި ފައިސާ އިން ޚަރަދު ކުރުމަށްވަނީ ކަނޑައެޅިފައެވެ. 

ޑައުންލޯޑް